ޗެޕްޓަރު 6
އިސްލާމީ ނޫރާއި ދީނީ އަޤީދާ
- ފަޤީރުންނަށް ދައުލަތުން ހިލޭ ފަރުޟު ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކޮށް، 5 އަހަރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ދައުލަތުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން.
- ދިވެހިރައްޖޭގައި އިސްލާމީ ތަޢުލީމު ޒަމާނަށް ފެތޭގޮތަށް ހަރުދަނާކޮށް، އިސްލާމިކް ޔުނިވަރސިޓީއަށް އާ އިމާރާތެއް ބިނާކޮށް، ބޭރު ދަރިވަރުންނަށް ވެސް ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ދިނުން.
- މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، މިސްކިތްތައް އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރެއްގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރުން.
- ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް ބޮޑުތަނުން އިތުރުކޮށް، ފުޅާކުރުން.
- ރާއްޖޭގައި ހުރި ވަޤުފު އިތުރުކޮށް، ލިބޭ އާމްދަނީއިން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމަށް އެފައިސާއިން ހޭދަކުރުން.
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމުގެ މަގު ފަހިކުރުން.
- "މޯލްޑިވްސް ޒަކާތު ހައުސް" އުފައްދައި، ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު އިތުރުކޮށް އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހެދުން.
- ކޮންމެ ރަށެއްގެ މައި މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤުގެ ފިލާވަޅުތައް ނަގާދޭ ތަނަކަށް ހަދައި، މިސްކިތް ތަކަކީ ނަމާދުކުރުމުގެ އިތުރުން ތަފާތު އިސްލާމީ ޚިދްމަތްތަކެއް ލިބެންހުންނަ ތަނަކަށް ހެދުން.
- އަރަބި ބަސް އުނގެނެވޭނެ ފުރުޞަތު ފުޅާކުރުން.
- މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޚާއްޞަ ކޮމިޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް، ޤާއިމުކުރުން.
- އިސްލާމީ މުހިންމު މުނާސަބަތުތައް، ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް، ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުން.
- މަލިކު ސަލްމާން މިސްކިތުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކީރިތި ޤުރުއާނާބެހޭ މިއުޒިއަމެއް ޤާއިމުކުރުން.
- ޢަރަބިއްޔާ ސްކޫލު މޮޑަރނައިޒްކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ދީނީ ތަޢުލީމު ދެވޭ މަރުކަޒަކަށް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުން.
- ޙާފިޛުންނަށް މިހާރު ސަރުކާރުން ދެމުން އަންނަ އެލަވަންސް ދެގުނައަށް ބޮޑުކުރުން.